ޚަބަރު

ދިވެހި ދިދަ: ފެއްސާއި ހުދާއި ރަތުން އެތައް ވާހަކައެއް ބުނެދޭ

ދިވެހިންގެ ހިތްތަކާ ދިވެހި ދިދަ ކުޅެލަނީ އޭގައި އެތައް މާނަތަކެއް އެކުލެވޭތީއެވެ. ޤައުމީ ލޯތްބާއި ޖޯޝު އުފައްދައި ކޮންމެ ފަހަރަކު ދިވެހި ދިހަ މި މިނިވަން ފަޒާގައި ވިހުރިލަނީ އެތައް މާނަތަކަކާއެކުގައެވެ. ދިދައިގައި ހިމެނޭ ކޮންމެ ކުލައަކީ އޭގެއިން އެތައް ވާހަކަތަކެއް ބުނެދޭ ކުލަކަތަކާއި ނިޝާންތަކެކެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ދިދައެއްގެ ގޮތުގައި ބޭނުންކުރަމުން އައީ ރަތްކުލައިގެ ދިދައެއްކަމަށް ތާރީޚީ ލިޔުންތަކުން އެނގެއެވެ. ތާރީޚު ދިރާސާކުރައްވާ ބޭފުޅެއް ކަމުގައިވާ އިސްމާޢިލް ވަޙީދު ލިޔުއްވާފައިވާ ގޮތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ދިދައެއްގެ ގޮތުގައި ބޭނުންކުރަމުން އައި ދިދައަށް ބަދަލުގެންނެވީ ދައުލަތް ހިންގެވުމުގައި ސުއްމުވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ހުންނެވި ދުވަސްވަރު އެކިލެގެފާނުގެ އަމުރަށެވެ. އެގޮތުން 1930 ވަނަ އަހަރު އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން-3ގެ ވެރިކަމުގައި ދިދަ ފަރުމާކުރެއްވީ ނަޚްދާ ހަސަން ކަލޭގެފާނެވެ. އޭރު ދިދަ ފަރުމާކުރީ ހަނދުފަޅިއަކާއެކު އިތުރު ތަރިއެއް ހުންނަ ގޮތަށެވެ. މިބަދަލަށްފަހު އަޅުގަނޑުމެނަށް މިހާރު ފެންގޮތަށް ހަނދުފަޅި ބޭރަށް ހުންނަ ގޮތަށް ބަދަލުކުރެވުނީ 1938 ވަނަ އަހަރުގެ ޖުލައި މަހުގެ 21 ވަނަ ދުވަހުގައެވެ. އަދި އޭރު ދިދައިގައި ރާއްޖެއަށް ކުރިމަތިވި އަނދިރިކަމާއި އަލިކަން ދެއްކުމަށްޓަކައި ބޭނުންކުރަމުން އައި ކަޅާއި ހުދުގެ ދަނޑިމަތި އެނބުރުން އުވާލެއްވުނީ ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އިބްރާހީމް ނާސިރުގެ ވެރިކަމުގައި 1965ގައެވެ.

ދިވެހި ދިދައިގައި ބޭނުންކޮށްފައިވަނީ ފެއްސާއި ރަތާއި ހުދުކުލައެވެ. މިއިން ކޮންމެ ކުލައެއްވެސް ރަމްޒުކޮށްދެނީ ޚާއްސަ ކަމެކެވެ. ބުނެދެނީ މުހިއްމު ވާހަކަތަކެކެވެ. ދިވެހި ދިދައިގެ ފުޅާ މިނުގެ ހަތަރު ބައިކުޅަ އެއްބައި ޚާއްސަވަނީ ރަތްކުލައަށެވެ. އެއީ ރާއްޖޭގެ ތާރީޚުގައި ހިނގާފައިވާ ހަނގުރާމަތަކުގައި ޤައުމަށްޓަކާ އަމިއްލަ ފުރާނައިން ޤުރުބާންވި ދިވެހި ދަރިންގެ ލެޔާއި އޭގެ ފަހުންވެސް ޤައުމަށްޓަކައި އަމިއްލަ ފުރާނައަށް ބެލުމެއްނެތި ޚިދުމަތްކުރުމުގައި ސާބިތުވެ ތިބި ދަރިންގެ ލޭ ރަމްޒުކޮށްދޭ ނިޝާނެއްގެ ގޮތުގައެވެ.

ދިދައިގެ ފުޅާމިނުގެ ދެބައިކުޅަ އެއްބައިގައި ހުންނަނީ ފެހިކުލައެވެ. މިއީ ރާއްޖޭގެ އަމާންކަމާއި މިނިވަންކަން ދައްކުވައިދޭ ކުލައެވެ. ދިދައިގެ އެތެރޭގައި ހުންނަ ހުޅެވި ހަނދުފަޅިއަކީ ރާއްޖޭގައި 850 އަށްވުރެ ގިނަ އަހަރުވަންދެން ދެމިއޮތް އިސްލާމް ދީނުގެ މަތިވެރިކަމާއި އެދީނުގެ ހިދާޔަތު މިޤައުމަށް ލިބިގެންވާކަން ރަމްޒުކޮށްދޭ ނިޝާނެކެވެ.

ދިވެހި ދިދައަކީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރަމްޒުކޮށްދޭ ނިޝާނެވެ. އަދި ދިވެހި ދަރިންގެ ހިތްވަރާއި ޢަޒުމްވެސް ދިވެހިދިދައިން ދައްކުވައިދެއެވެ. ދިވެހި ދިދައަށް ކޮންމެ ދިވެއްސެއްގެ ހިތުގައިވެސް ޚާއްސަކަމެއް ދެވިފައިވަނީ އެއީ ކޮންމެ ދިވެއްސެއްގެ އަމިއްލަ މިނިވަންކަމާ ގުޅިފައިވާކަމަކަށްވާތީއެވެ.

ދިވެހި ތާރީޚަށް ގިނަ ޚިދުމަތްކުރައްވަމުންގެންދަވާ ކަށިމާ އަޙްމަދު ޝާކިރު ވިދާޅުވަނީ ދިދައިގެ ކުލަތައް އެތުރިފައިވާ ގޮތުންވެސް މުހިއްމު ވާހަކަތަކެއް ބުނެދޭކަމުގައެވެ. އެގޮތުން ދިދައިގެ މެދުގައި ދިވެހިން އެދީނަކަށް ނިސްބަތްވާ މާތްވެގެންވާ އިސްލާމްދީނުގެ ނޫރު ދައްކުވައިދޭ ރަމްޒުހިމެނޭއިރު އޭގެ ބޭރުންފެންނަނީ ދިވެހިންގެ މިނިވަންކަމެވެ. އަދި އެންމެ ބޭރުގައިވާ ރަތްކުލައިން ދައްކުވައިދެނީ މިނިވަންކަމުގެ ދިފާޢުކަމަށާއި، ފެހިކުލައިން ދައްކުވައި ދެނީ ދިވެހިންނަށް ލިބުނު ނަސްރުކަމަށް ކަށިމާ ޝާކިރު ވިދާޅުވެއެވެ.

އަޅުގަނޑުމެން މިއަދު މިދެކޭ މިނިވަންކަން އަޅުގަނޑުމެންނާއި ހަަމައަށް ގެނެސް ދިނީ މިޤައުމުގެ މިނިވަންކަމާއި ދީނަށްޓަކައި ފުރާނައިން ޤުރުބާންވި އަބުޠާލުންނެވެ. ޤައުމަށްޓަކައި އެފަރާތްތަކުންވެފައިވާ ޤުރުބާނީގެ ހަނދާން އަޅުގަނޑުމެންނަށް ދިވެހި ދިދަ އައުކޮށްދޭއިރު އެ އަބުޠާލުންގެ އަގު އަޅުގަނޑުމެން ވަޒަން ކުރަން ޖެހެއެވެ.